ޙައްޖަށް ދާން ބޭނުންވާނަމަ ޢަމަލުކުރާނީ ކިހިނެއް؟
ޙައްޖުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް "ޚިދުމަތަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ރަޖިސްޓަރ ކޮށްދެވޭނެއެވެ. ރަޖިސްޓަރ ވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ..
ރަޖިސްޓާރ ވުމަށް ތިރީގައިވާ ކޮންމެ ގޮތެއްވެސް ޚިޔާރު ކުރެވިދާނެއެވެ.
- މި ކުންފުނީގެ ކައުންޓަރއަށް ޒިޔާރަތްކޮށް ފޯމު ހުށަހަޅައިގެން.
- ފަހެލި ޕޯޓަލް މެދުވެރިކޮށް
- އީމެއިލް ގެ ޒަރިއްޔާއިން ފޯމު ހުށަހަޅައިގެން
ޙައްޖަށް ދިއުމަށް ކަނޑައަޅާފައިވާ އަގަކީ ކޮބާ؟
ޙައްޖަށް ދިއުމަށް ދައްކަންޖެހޭ ޖުމްލަ އަގަކީ /- 69965 ރުފިޔާ އެވެ.
ޙައްޖަށް ދިއުމަށް ހުޅުވޭނެ އެކައުންޓްތަކަކީ ކޮބާ؟
ޙައްޖަށް ދިއުމަށް 2 ބާވަތެއްގެ އެކައުންޓެއް ހުޅުވިދާނެ:
ޙައްޖު އެކައުންޓް:
ޙައްޖަށް ދިއުމަށް ގަސްތުކޮށް ފައިސާ ދެއްކުމަށް ހުޅުވާނީ ޙައްޖު އެކައުންޓެކެވެ. މި އެކައުންޓްގެ ވެރިފަރާތުން މިކުންފުނިން އެއިރެއްގައި ކަނޑައަޅާފައިވާ ޙައްޖުގެ އަގުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ހަމަކުރުމުން ޙައްޖަށް ދިއުމުގެ ޖާގަ ކިއުއިން، ޖާގަ ރިޒާވްކޮށް ލިސްޓްގައި ހިމެނިގެންދާނެއެވެ.
މިގޮތުން މިކުންފުންޏަށް އެއަހަރަކު ކޯޓާ ލިބޭމިންވަރަކުން، ކިއު ތަރުތީބުން ޙައްޖަށް ދިއުމުގެ ފުރުޞަތު ކޮންމެ މެމްބަރަކަށް ވެސް ލިބިގެން ދާނެއެވެ. އެކައުންޓް ހުޅުވުމަށް ފަހު އެކައުންޓުގެ ވެރިފަރާތުން ބޭނުންވާ މިންވަރަކުން ފައިސާ ޖަމާކުރަމުން ގެންދެވޭނެއެވެ.
ޙައްޖު ސޭވިންގް އެކައުންޓް:
ދުރާލާ ރާވައިގެން ވަކި އަހަރެއްގައި ޙައްޖަށް ދިއުމަށް ގަސްތުކޮށް، ރައްކާކުރާ ފައިސާ އިންވެސްޓްކޮށް، އިންވެސްޓްމެންޓްގެ ފައިދާއިން ޙައްޖުގެ އަގުގެ ބައެއް ދައްކައިގެން އަގު ހަމަކުރަން ބޭނުންވާ ފަރާތްތަކުން ހުޅުވާނީ ޙައްޖު ސޭވިންގ އެކައުންޓެކެވެ. މި އެކައުންޓްގައި ހުންނަ ފައިސާ އިންވެސްޓްކުރެވޭނީ އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެ މަތިންނެވެ.
ފައިސާ ދައްކަން ހަދަންޖެހޭ ގޮތަކީ ކޮބާ؟
ފައިސާ ދެއްކުމުގައި 4 ގޮތުގެ ތެރެއިން ގޮތެއް އިޚްތިޔާރު ކުރެވިދާނެ:
- ހ) މި ކުންފުނީގެ ކައުންޓަރަށް ޒިޔާރަތްކޮށް ފައިސާ ދެއްކުން: ރަސްމީ ދުވަސްތަކުގައި 08:00 އާއި 13:00 އާއި ދެމެދު މި ކުންފުނީގެ ކައުންޓަރަށް ޒިޔާރަތްކޮށް ފައިސާ ދެއްކިދާނެ، މިގޮތަށް ފައިސާ ދެއްކުމުގައި ނަގުދުފައިސާ އިން ނުވަތަ ބޭންކު ކާޑު މެދުވެރިކޮށް ފައިސާ ދެއްކިދާނެ.
- ށ) ފަހެލި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުން: ފަހެލި ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާނަމަ ޕޯޓަލްގައި ރަޖިސްޓަރ ވުމަށްފަހު އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކޭނޭ.
- ނ) އެކަންއުންޓް ޓްރާންސްފާރ މެދުވެރިކޮށް ފައިސާ ދެއްކުން: އޮންލައިން ބޭންކް ޓްރާންސްފާކުރުމުގައި ޙައްޖު ކޯޕަރޭޝަންގެ މެންބަރުން ޢަމަލުކުރަންވީ ގޮތް
- ރ) މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް: މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗަކަށް ޒިޔާރަތްކޮށް ފައިސާ ދެއްކިދާނެ.
ފައިސާ ދެއްކުމަށް ހުރި ލުއިތަކަކީ ކޮބާ؟
ޙައްޖުގެ ޖުމްލަ އަގު އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުޔެއް ހޯދައި ދިނުމަށް، އެފަރާތްތަކަށް ލިބޭ މިންވަރަކުން ޙައްޖުގެ އަގު ބަހާލައިގެން ދައްކާ ޚަލާޞް ކުރެވިދާނެއެވެ. މިގޮތަށް ފައިސާ ދައްކަމުންގޮސް ޙައްޖުގެ އަގުގެ %75 އަށްވާ ފައިސާ ހަމަވުމުން އެފަރާތަކަށް ޙައްޖު ކިއު ލިސްޓުން ޖާގައެއް ލިބިގެންދާނެއެވެ. އަދި ކިއުލިސްޓަށް އެރުމަށްފަހު ބާކީ ދައްކަން ޖެހޭ ފައިސާއެއް ވާނަމަ އެ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ދައްކާ ޚަލާޞް ކުރަންވާނެއެވެ.
ބައި ބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ވަކި ތާވަލެއް އޮވޭތަ؟
ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކަމުން ގެންދިއުމުގައި ވަކި ތާވަލަކާ އެއްގޮތަކަށް ވަކި މިންވަރަކަށް ފައިސާ ދެއްކުމެއް އެއްވެސް ފަރާތަކަށް ލާޒިމެއް ނުވާނެއެވެ. އެފަރާތަކަށް ފަސޭހަ އަދަދަކަށް ފައިސާ ދެއްކުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެހެންނަމަވެސް ޙައްޖު ސޭވިންގ އެކައުންޓްގައި ރަޖިސްޓަރ ވެފައިވާ މެންބަރުން، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ފައިސާ ދައްކަންވާނެއެވެ.
ޙައްޖުގެ ޖުމްލަ އަގު އެއްފަހަރާ ދައްކައިފިނަމަ ޙައްޖު ކިއު ލިސްޓުން ޖާގަ ލިބުން އަވަސްވެގެން ދާނެތަ؟
ޙައްޖުގެ އަގު އެއްފަހަރާ ދެއްކި ކަމުގައިވިޔަސް ޙައްޖު ކިއު ލިސްޓުން ޖާގަ ލިބުން އަވަސްވެގެން ނުދާނެއެވެ. ޙައްޖު ކިއުލިސްޓް
ތަރުތީބުވަމުންދާނީ ޙައްޖުގެ އަގުގެ %75 އަށްވާފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ތަރުތީބުންނެވެ.
ލިބިފައިވާ ޙައްޖު ޖާގަ އެހެން ފަރާތަކަށް ބަދަލު ކުރެވިދާނެތަ؟
ޙައްޖުގެ ޖާގަ އެހެން ފަރާތަކަށް ބަދަލު ކުރެވިދާނެއެވެ. މިގޮތަށް ބަދަލުކުރެވޭނީ ހަމައެކަނި އާއިލީ ގޮތުން ގުޅުންހުރި ފަރާތްތަކަށެވެ.
ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖުގެ އަގުގެ ބައެއް ހަމަކުރުމަށް ބޭނުންނަމަ ޢަމަލުކުރާނީ ކިހިނެއް؟
ޙައްޖުގެ އަގުގެ ބައެއް ދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރުމަށް އެދޭ ފަރާތްތަކުން، ޕެންޝަން ފައިސާއިން ދައްކަން އެދޭ މިންވަރު ބަޔާންކޮށް މިކުންފުންޏަށް ފޯމު ހުށަހަޅަންވާނެއެވެ. އަދި ޕެންޝަން ފަންޑުން އެދޭމިންވަރު ކެނޑުމަށްފަހު ޙައްޖުގެ އަގު ހަމަކުރުމަށް މަދުވާ ފައިސާ ދައްކަންވާނެވެ. ރިކުއެސްޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެޕްރޫވްކޮށް ޕެންޝަން ފައިސާ ރިޒާވްކޮށްދީފައިވާކަން އެންގުމުން ޙައްޖު ޖާގައެއް އެފަރާތަކަށް ރިޒާވްކޮށްދެވޭނެއެވެ.
(މިސާލު: ޙައްޖުގެ އަގުގެ 80 އިންސައްތަ އަށްވާ ފައިސާ ޕެންޝަން ފަންޑުން ދައްކަން އެދިހުށައެޅުމުން، ފައިސާ ރިޒާވްކޮށްދިނުމަށް އެދި ޕެންޝަން އޮފީހަށް އެންގޭނީ ޙައްޖުގެ އަގު ހަމަކުރުމަށް މަދުވާ ބާކީ 20 އިންސައްތައަށްވާ ފައިސާ މިކުންފުންޏަށް ދެއްކުމުންނެއެވެ.)
ޢުމްރާގެ ޚިދުމަތައް ދައްކާފައިވާ ފައިސާ ޙައްޖު އެކައުންޓަށް ބަދަލުކުރެވިދާނެތަ؟
ޢުމްރާއަށް ދިއުމަށް އެދި ދައްކާފައިވާ ފައިސާ ޙައްޖު އެކައުންޓަށް ބަދަލުކުރެވިދާނެއެވެ. މިގޮތަށް ބަދަލުކުރަން އެދޭނަމަ "އެކައުންޓް ބަންދުކުރުމާއި، ފައިސާ ބަދަލުކުރުމަށް އެދޭ ފޯމް" ހުށަހަޅަންވާނެވެ.
ޙައްޖު ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދިއުމުގައި ޢަމަލުކުރަނީ ކޮން އުސޫލަކުން؟
ޙައްޖު އަދި ޢުމްރާ ޚިދުމަތް ހޯދުމާއި ބެހޭ އުޞޫލު' އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި އުޞޫލުގެ މައިގަނޑު ބައިތައް ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.