މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ‬ހޯދުމާ ‬ބެހޭ ‬އުޞޫލު‬

ތަޢާރަފް:

މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުޞޫލެވެ. ޙައްޖަށް ދާން ފައިސާ ޖަމާކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، ފައިސާއާ މެދު ކަންކުރެވޭނެ ގޮތާއި، ޙައްޖުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރެވޭނެ ގޮތް މި އުޞޫލުގައި ހިމަނާފައިވާނެއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނައަކީ ކުންފުންޏާ ބެހޭ ޤާނޫނޫ (ޤާނޫނު ނަންބަރު 10/96) ގެ 95 ވަނަ މާއްދާގެ ދަށުން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ (ޤަރާރު ނަންބަރު:05/2013) އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މަޤްޞަދުތަކުގެ ތެރޭގައި ޙައްޖަށާއި އުމްރާއަށް ދާން ގަސްދުކުރާ ފަރާތުގެ ފައިސާ އަމާނާތްތެރިކަމާ އެކު ބަލަހައްޓާ، ލުއިފަސޭހަ ގޮތަކަށް އަޅުކަންތައްތައް ކުރެވޭނެ މަގު ތަނަވަސްކުރުން ހިމެނެއެވެ.

 

 1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކަށްވުން

(ހ) ދިވެހި ރައްޔިތުންނާއި، ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން ދިވެހިރާއްޖޭގައި ދިގުމުއްދަތަށް ދިރިއުޅުމުގެ ވިސާ ލިބިފައިވާ ބިދޭސީންނަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި އެކައުންޓެއް ހުޅުވުމަށްފަހު މެމްބަރަކަށް ވެވިދާނެއެވެ.

(ށ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކަށްވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، ހުށަހެޅުމުން މެމްބަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުން ޙައްޖަށް ފޮނުވުމަށް މި ކޯޕަރޭޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކިދާނެއެވެ. މި މާއްދާގެ ދަށުން، މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށެވެ.

 1. ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުނިތައް.
 2. ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން ރަޖިސްޓްރީ ކުރި ފަހުން 1 (އެކެއް) އަހަރު ހަމަވެފައިވާ، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ ޢަދަދު 10 (ދިހައެއް) އަށްވުރެ މަދު ނޫން ކުންފުނިތަކެވެ

 

  2ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފަރާތްތައް ކަނޑައެޅުން:

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެއަހަރަކު ޙައްޖަށް ގެންދާ ފަރާތްތައް ކަނޑައަޅާނީ، ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ޙައްޖު އަގުގެ %75 (ހަތްދިހަ ފަސް އިންސައްތަ) ދައްކާފައިވާ ތަރުތީބުންނެވެ. ޖާގަ ލިބޭފަހުން ޙައްޖުގެ އަގަށް ބަދަލުއައި ނަމަވެސް ކުރިން ލިބިފައިވާ ޖާގައަށް ބަދަލެއް ނާންނާނެއެވެ.

(ށ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޙައްޖު އަގުގެ %80 (އައްޑިހަ) އިންސައްތަ އެމީހެއްގެ ޕެންޝަން އެކައުންޓްގައި ހުރި ފައިސާއިން ދެއްކުމަށް ޤަޞްތުކުރާ ފަރާތްތަކުގެ ތެރެއިން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުން ކަނޑައަޅާ، ފަރުޟު ޙައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން، ޙައްޖު އަގުގެ %20 (ވިހި) އިންސައްތަ އެ މެމްބަރަކު އަމިއްލައަށް މި ކޯޕަރޭޝަނަށް ޖަމާކޮށް، އަގުގެ ބާކީ ޕެންޝަން ފައިސާއިން ބޭނުންކުރުމުގެ ހުއްދަ އެއޮފީހުން މި ކޯޕަރޭޝަނަށް ދިނުމާއެކު ޙައްޖަށް ދިއުމުގެ ޖާގަދޭ ލިސްޓުން އެމެންބަރަކަށް ޖާގަ ދެވޭނެއެވެ.

(ނ) ޢުމުރުން 70 (ހަތްދިހަ) އަހަރުން މަތީ ފަރާތްތަކުގެ ތެރެއިން ޙައްޖަށް ދިއުމުގެ އަގުގެ %75 (ހަތްދިހަ ފަސް އިންސައްތަ) ފައިސާ ދައްކާފައިވާ ތަރުތީބުން، އެއަހަރަކަށް މިކޯޕަރޭޝަނަށް ލިބޭ ކޯޓާގެ %10 (ދިހައެއް) އިންސައްތަ ޖާގަ ޚާއްސަ ކުރެވިދާނެއެވެ. މިގޮތުން ޚާއްސަކުރެވޭ ޖާގަދެވޭނީ މިފަރާތްތަކުގެ ތެރެއިން ފަރުޟު ޙައްޖެއް އަދާކޮށްފައިނުވާ ފަރާތްތަކަށެވެ.

(ރ) ބޮޑެތި ބަލިތައް ތަހައްމަލްކުރާ ފަރާތްތަކަށް، އެއަހަރަކަށް މިކޯޕަރޭޝަނަށް ލިބޭ ކޯޓާގެ %5 (ފަހެއް) އިންސައްތަ ޖާގަ ޚާއްސަ ކުރެވިދާނެއެވެ. މިގޮތަށް އެއަހަރަކު ޙައްޖަށް ގެންދާ ފަރާތްތައް ކަނޑައަޅާނީ، ޙައްޖު އަގުގެ %75 (ހަތްދިހަ ފަސް އިންސައްތަ) ދައްކާފައިވާ ތަރުތީބުންނެވެ.

(ބ) ޙައްޖަށް ގެންދިއުމަށް ތަރުތީބުކުރެވޭ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޖާގަ ލިބިފައިވާ އަހަރާއި ވަނަ ޙައްޖު ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ހޯދޭނެއެވެ.

(ޅ) އެ އަހަރެއްގައި ޙައްޖަށް ދިއުމަށް ކަނޑައެޅޭ އަގު ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކުގެ ޢަދަދުން ޙައްޖަށް ގެންދަންޖެހޭ ފަރާތްތަކުގެ ކޯޓާގެ ޢަދަދު ހަމަނުވާނަމަ، ދެން އިސްކަންދެވޭނީ އެ އަހަރެއްގައި ޙައްޖަށް ދިއުމަށް ކަނޑައެޅޭ އަގު ދައްކާ ޚަލާސްވުމަށް އެންމެ ގާތްވެފައިވާ ފަރާތްތަކަށެވެ. އަދި އެގޮތުންވެސް ކޯޓާގެ ޢަދަދު ހަމަނުވާނަމަ، ޢާއްމުކޮށް އިޢުލާން ކުރުމަށްފަހު އެންމެ ކުރިން ފައިސާ ދައްކާ ފަރާތްތަކަށް ޖާގަދޭންވާނެއެވެ.

(ކ) މި ނަންބަރުގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް، އެ އަހަރަކު ޙައްޖަށް ދިއުމަށް ދަޢުވަތެއް ފޮނުވޭނެއެވެ.

(އ) މި ދަޢުވަތުގައި ބާކީ ދައްކަންޖެހޭ ފައިސާ ގެ ޢަދަދާއި، އެ ޢަދަދު ދައްކާ ޚަލާސް ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ވ) ޙައްޖަށް ދިއުމުގެ ދަޢުވަތު ފޮނުވުމުން، ދަޢުވަތު ޤަބޫލުކުރާކަން ނުވަތަ ނުކުރާކަން ލިޔުމުން އަންގަންވާނެއެވެ. އަދި އެއަހަރަކު ޙައްޖަށްދިއުމަށް ޢުޒުރުވެރިވާ ފަރާތްތަކުގެ ޖާގަ ޖެހިގެން އަންނަ އަހަރަށް ލަސްކުރެވޭނެއެވެ.

(މ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދަން ދަޢުވަތު ފޮނުވާ ފަރާތްތަކުގެ ލިސްޓަކާއި އަދި އެ އަހަރަކު ޙައްޖަށް ގެންދާ ފަރާތްތަކުގެ ފައިނަލް ލިސްޓެއް ޢާއްމުކޮށް ޝާއިޢުކުރެވޭނެއެވެ.

(ފ) މި އުޞޫލުގައިވާ ގޮތުގެމަތިން ޙައްޖަށް ދިއުމަށް ފުރުޞަތު ދެވޭ އެއްވެސް ފަރާތަކަށް، ޚާއްސަ ޙާލަތެއްގައި މެނުވީ އެ ފަރާތެއްގެ ޖާގަ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. ޚާއްސަ ޙާލަތެއްތޯ ކަނޑައަޅާނީ މިކޯޕަރޭޝަންގެ މެނޭޖްމަންޓުންނެވެ.

 

 1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދިއުމަށް ފައިސާ ޖަމާކުރެވޭ ގޮތްތައް

(ހ) ޙައްޖުގެ އަގު ގަނޑުކޮށް ދެއްކުން.

ގަނޑުކޮށް ޖަމާކުރާ އެކައުންޓަކީ “ހައްޖު ލަމްޕްސަމް” އެކައުންޓެވެ. މިގޮތަށް ނަގާ ފައިސާ ބެހެއްޓޭނީ ވަދީއާ ޔަދު ޟަމާނާގެ އުޞޫލުން، ގެރެންޓީއާ އެކު ފައިސާ ރައްކާތެރިކަމާ އެކު ބަލަހައްޓާ އުޞޫލުންނެވެ.

(ށ) ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުރާލާ ރާވައިގެން ބައިބަޔަށް ފައިސާ ދެއްކުން.

 1. މިގޮތަށް ފައިސާ ޖަމާކުރާ އެކައުންޓަކީ “ޙައްޖު ސޭވިންގް” އެކައުންޓެވެ. މިގޮތުން ފައިސާ ޖަމާކުރަމުންދާ އެކައުންޓަށް އެއިރަކު މިކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޙައްޖުގެ އަގުގެ %75 (ހަތްދިހަ ފަހެއް) އިންސައްތަ ޖަމާވުމުން، އެ އެކައުންޓު “ޙައްޖު ލަމްޕްސަމް” އެކައުންޓަކަށް ބަދަލުވާނެއެވެ. މިގޮތަށް ނަގާ ފައިސާ ބެހެއްޓޭނީ ވަދީއާ ޔަދު ޟަމާނާގެ އުޞޫލުން، ގެރެންޓީއާ އެކު ފައިސާ ރައްކާތެރިކަމާ އެކު ބަލަހައްޓާ އުޞޫލުންނެވެ.
 2. ޙައްޖު ސޭވިންގ އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ ޒަރޫރީ ޙާލަތެއް މެދުވެރިވެގެން، އެހެން ޖަމާޢަތެއް މެދުވެރިކޮށް ޙައްޖަށް ދިއުމަށް، ނުވަތަ ކޯޕަރޭޝަންގެ މެމްބަރުކަމުން ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައެވެ.
 3. ޙައްޖު ސޭވިންގ އެކައުންޓްގައި ހުންނަ ފައިސާ އެ މެމްބަރަކު ބޭނުންވެއްޖެ ނަމަ އެހެން މެމްބަރެއްގެ އެކައުންޓަކަށް ބަދަލު ކުރެވިދާނެއެވެ.

 

(ނ) ޙައްޖަށް ނުވަތަ ޢުމްރާއަށް ދިއުމުގެ ގަސްތުގައި ފައިސާ ރައްކާކޮށް އެފައިސާއިން ފައިދާ ހޯދުމުގެ ގޮތުން ޖަމާކުރުން.

 1. މިގޮތަށް ފައިސާ ޖަމާކުރާ އެކައުންޓަކީ “އެމް.އެޗް.ސީ.އެލް ސޭވިންގ” އެކައުންޓެވެ. މިގޮތަށް ޖަމާކުރާ ފައިސާ ބެހެއްޓޭނީ މުޟާރަބާގެ އުޞޫލުން، ދެފަރާތުންވެސް ވިޔަފާރީގެ ޙިއްޞާގައި ބައިވެރިވާ އުޞޫލުންނެވެ.
 2. އެމް.އެޗް.ސީ.އެލް ސޭވިންގ އެކައުންޓްގައި ހުންނަ ފައިސާ މި އުޞޫލުގެ 4 (ހަތަރެއް) ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންވެސްޓް ކޮށްގެން ލިބޭ ފައިދާ ގެ %50 (ފަންސާސް) އިންސައްތަ ފައިދާ ބަހާނީ އެމް.އެޗް.ސީ.އެލް ސޭވިންގް އެކައުންޓުގެ މެމްބަރުންގެ މެދުގައެވެ. ފައިދާ ލިބެން ފަށާނީ އެކައުންޓްގައި ފައިސާ ރައްކާކުރަން ފަށާތާ 3 (ތިނެއް) މަސްދުވަސް ހަމަވުމުންނެވެ.
 3. އެމް.އެޗް.ސީ.އެލް ސޭވިންގ އެކައުންޓްގައި ހުރި ފައިސާ މި ކޯޕަރޭޝަނުން ދޭ ޚިދުމަތެއް ނުވަތަ އެއްޗެއްގެ އަގު އަދާކުރުމަށް ބޭނުން ކުރެވިދާނެއެވެ.
 4. އެމް.އެޗް.ސީ.އެލް ސޭވިންގ އެކައުންޓްގައި ހުންނަ ފައިސާ އެ މެމްބަރަކު ބޭނުންވެއްޖެ ނަމަ އެހެން މެމްބަރެއްގެ އެކައުންޓަކަށް ބަދަލު ކުރެވިދާނެއެވެ.

 

 1. މެމްބަރުންގެ ސޭވިންގްސް އެކައުންޓުގައިވާ ފައިސާ އިންވެސްޓް ކުރުމާއި ފައިދާ ބެހުން

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރާ ފައިސާއިން އެއްވެސް އިންވެސްޓުމަންޓެއް އެކޯޕަރޭޝަނުން ކުރާނީ، އެ އިންވެސްޓްމަންޓެއް ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލުން ނުވަތަ އިސްލާމީ މާލީ ޚިދުމަތެއް ފޯރުކުރާ މާލީ އިދާރާއެއްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން ނިންމާފައިވާނަމައެވެ.

 

 1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުތައް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ކޮންމެ ފަރާތެއްގެ ކިބައިގައިވެސް ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ.

(ހ) ދިވެހި ރައްޔިތަކަށްވުން ނުވަތަ ދިވެހި ރައްޔިތަކާއި ކައިވެނި ކޮށްގެން ދިވެހިރާއްޖޭގައި ދިގު މުއްދަތަށް ދިރިއުޅުމުގެ ވިސާ ލިބިފައިވާ ފަރާތަކަށްވުން.

(ށ) 45 އަހަރުން ދަށުގެ އަންހެނުން މަޙްރަމާކާ ނުލާ ރަޖިސްޓްރީކުރި ނަމަވެސް، ޖާގަ ކަށަވަރުވާ މިންވަރަށް ފައިސާ ދެއްކުމުން، މަޙްރަމަކަށް ޖާގަ ލިބޭނެއެވެ. އަދި 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ޖާގަ ކަށަވަރުވާ މިންވަރަށް ފައިސާ ދެއްކުމުން ބެލެނިވެރިއަކަށް ޖާގަލިބޭނެއެވެ. މިގޮތުން ދެވޭ ޖާގައިގައި ދާ މަޙްރަމް ނުވަތަ ބެލެނިވެރިޔާއަށް މި ކޯޕަރޭޝަނުން އަންގާ ގޮތެއްގެ މަތިން ޙައްޖުގެ އަގު ދައްކާ ޚަލާސް ކުރަންވާނެއެވެ.

(ނ) ސިއްޙީގޮތުން ޙައްޖުގެ އަޅުކަން އަދާކުރެވޭނެ ފަރާތެއްކަމުގައިވުން

(ރ) ޤާނޫނީ ގޮތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން

 

 1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކޯޓާއިން އިދާރީ ކަންތައްތަކަށް ޖާގަ ޚާއްސަކުރާ އަދަދު

(ހ) ޙައްޖުވެރިންނަށް ޚިދުމަތް ކުރުމަށްޓަކައި އެހީތެރިވެދިނުމަށް ގެންދެވޭ ފަރާތްތަކަށް، މި ކޯޕަރޭޝަނަށް ލިބޭ ކޯޓާއިން ވަކި ޢަދަދެއް ޚާއްޞަ ކުރެވޭނެއެވެ. މި އަދަދު ކަނޑައަޅާނީ މިކޯޕަރޭޝަންގެ މެނޭޖްމަންޓުންނެވެ.

 

 1. ޚިދުމަތުގެ ފެންވަރާއި މެދު ޝަކުވާ ހުށަހެޅޭނެ ނިޒާމު

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދިޔަ ފަރާތްތަކުގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ ޙައްޖު ދަތުރު ނިންމުމަށް ފަހު، ރާއްޖެއަށް އެނބުރި އަންނަތާ ދެ މަސް ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ހުށަހަޅަންވާނެއެވެ.

 

 1. އެކައުންޓުން ފައިސާ އަނބުރާނެގުން ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުން.

(ހ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކު ޙައްޖަށް ނުވަތަ ޢުމްރާއަށް ދިއުމުގެކުރިން ފައިސާ އަނބުރާ ނަގަން ޖެހޭފަދަ ޟަރޫރީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ކޯޕަރޭޝަނަށް ހުށަހަޅަންޖެހޭނެއެވެ.

(ށ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެމްބަރަކު ނިޔާވެއްޖެނަމަ، ނިޔާވާއިރު އެމެމްބަރެއްގެ އެކައުންޓްގައި ހުރި ފައިސާއާ މެދު އަމަލުކުރާނީ ޝަރުއީ ކޯޓަކުން އެ މެމްބަރެއްގެ ވާރުތަ މުދަލާއިމެދު އަމަލުކުރުމަށް ކަނޑައަޅާ ގޮތަކަށެވެ.

(ނ) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެންބަރަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުމަށްފަހު ފައިސާ އަނބުރާ ނަގަންޖެހޭ ޟަރޫރީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެފަރާތެއްގެ އެކައުންޓުގައިވާ ފައިސާ ރައްދުކުރެވޭނީ، އެފަރާތެއްގެ ޙައްޖު ދަތުރަށް ޚަރަދުތަކެއް ކުރެވިފައިވާނަމަ އެ ޚަރަދުތަކެއް ކަނޑައި ބާކީ ހުރި ޢަދަދެވެ. އަދި އެ ފައިސާ އެ ފަރާތަކާ ޙަވާލުކުރެވޭއިރު އެ ޚަރަދުތަކުގެ ތަފްޞީލް ބަޔާންކޮށްފައިވާ ލިޔުމެއް ދެވޭނެއެވެ.

(ރ) މެމްބަރެއްގެ އެކައުންޓްގައިވާ ފައިސާ އަނބުރާ ދޫކުރެވޭނީ މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޚަރަދުތައް ކެނޑުމަށްފަހު، އެއެކައުންޓުގައި ވާ ބާކީ ފައިސާ އެކުގައެވެ.

 

ނިންމުން:

މަތީގައި ބަޔާންކޮށްފައި އެވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތްތައް ހޯދުމާ ބެހޭގޮތުން މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 05 މާރޗް 2019 ގައި ފާސްކޮށްފައިވާ އުޞޫލަށް 20 ނޮވެމްބަރ 2019 ވަނަ ދުވަހު ގެނެވުނު އިޞްލާޙެވެ. މި އުޞޫލަށް އެއްވެސް އުނިއިތުރެއް ގެންނަން ޖެހިއްޖެނަމަ، އެ ގެނެވުނު އުނިއިތުރެއް ޢާއްމުކޮށް އިޢުލާނު ކުރެވޭނެއެވެ. އަދި މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ.