ޙައްޖުގެ ޚިދުމަތްތައް

ޙައްޖުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެންމެ މުހިއްމު އަމާޒެވެ. މިގޮތުން ޙައްޖު ގެ ޚިދުމަތްތަކަށް ޙާއްސަ ދެ ވައްތަރެއްގެ ޕެކޭޖެއް މިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފުކޮށްފައެވެ. އެ ޕެކޭޖުތަކަކީ:

  1. ގަނޑުކޮށް ފައިސާ ދައްކައިގެން ޙައްޖަށް ދާ ޕެކޭޖް
  2. ދުރާލާ ރާވައިގެން ބައިބަޔަށް ފައިސާ ދައްކައިގެން ޙައްޖަށް ދިއުމުގެ އުއްމީދު ޙާޞިލްކުރާ ޕެކޭޖު
ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ވުމަަށް އެދޭ ފޯމް

MHCL Members Registration Form New

ގަނޑުކޮށް ފައިސާ ދައްކައިގެން ޙައްޖަށް ދާ ޕެކޭޖު

މި ޕެކޭޖަކީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއްގައި ޙައްޖަށް ދިއުމަށްޓަކައި ދައްކަވަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައިވާ ޕެކޭޖެކެވެ. ކޮންމެ އަހަރެއްގެ ވެސް ޙައްޖުމަހުގެ 6 މަސްކުރިން، އެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދިއުމަށް ނިންމާ އަގު އިޢުލާނުކުރެވޭނެއެވެ. އަގު އިޢުލާނުކުރެވުމުން، އެ އަހަރު ޙައްޖަށް ދާން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް، އިޢުލާނުކުރި އަގު ދެއްކުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ. ދުރާލާ ރާވައިގެން ފައިސާ ދައްކާ ސޭވިންގް ޕެކޭޖުގެ ބައިވެރިއަކަށްވެސް، މި ޕެކޭޖަށް ބަދަލުވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ލިބެނީ ކަނޑައެޅޭ ވަކި ޢަދަދަކަށް ކަމުގައިވާތީ، ކޮންމެ އަހަރަކުވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދިއުމުގައި އިސްކަންދޭނީ އެއަހަރަކު ޙައްޖަށް ދިއުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ކުރިން، އެ އަހަރަކު ޙައްޖަށް ގެންދިއުމަށް އިޢުލާނުކުރާ އަގު އެކީ ދައްކަވާ ޚަލާސްކުރައްވާ ފަރާތްތަކުގެ ތަރުތީބަށެވެ.

ޙައްޖަށް މީހުން ގެންދާ އަގު، އެކި އަހަރު އަހަރު ތަފާތުވުމުގެ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަންއަށް އަންނަ ބަދަލާއި އަދި ސަޢޫދީ އަރަބިޔާއިން ޙައްޖު މޫސުމުގައި ދޭ ޚިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. މި ކަންތައްތަކަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ކޮންޓްރޯލު ކުރެވޭނެ ކަންކަން ކަމުގައި ނުވާތީއެވެ.

ދުރާލާ ރާވައިގެން ބައިބަޔަށް ފައިސާ ދައްކައިގެން ޙައްޖަށް ދިއުމުގެ އުއްމީދު ޙާޞިލްކުރާ ޕެކޭޖު

މި ޕެކޭޖަކީ ޙައްޖަށް ދިއުމުގެ އުއްމީދު އޮތް ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރި ވެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ ޕެކޭޖެކެވެ. ޕެކޭޖުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތަކުން ޙައްޖުގެ އަޅުކަން އަދާ ކުރައްވަން ބޭނުންފުޅުވާ އަހަރެއް ޚިޔާރު ކުރެއްވުމަށްފަހު މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ފައިސާ ދެއްކެވޭނެ ޕްލޭނެއް ޚިޔާރު ކުރެއްވި ދާނެއެވެ. ނަތީޖާއަކީ، ޚިޔާރު ކުރައްވާ ޕްލޭނާއި އެއްގޮތަށް ފައިސާ ދެއްކެވެމުން ދާނަމަ، އެ ފަރާތެއް ޙައްޖުގެ އަޅުކަން އަދާކުރައްވަން ބޭނުންފުޅުވާ އަހަރުގައި އެ އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްވެގެން ދިއުމެވެ.

މި ޕެކޭޖުގައި ކުޑަކުދިންވެސް ބައިވެރިކުރެވިދާނެއެވެ. މައިންބަފައިންގެ ހުއްދައާ އެކު، ކުޑަކުއްޖެއްގެ ނަމުގައިވެސް މި ޕެކޭޖުގެ ދަށުން ޙައްޖަށް ފޮނުވުމުގެ ގަސްދުގައި ފައިސާ ޖަމާކުރެވިދާނެއެވެ.