ޢަޤީޤާ ކަތިލުން


aqeeqa

ޢަޤީޤާ ކަތިލުމުގެ އަގު: 1697 ރުފިޔާ
ޢަޤީޤާ

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. “އަލަށް އުފަންވާ ކޮންމެ ކުއްޖެއްގެ ނަމުގައި އެކުއްޖާ ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެން 07 ވަނަ ދުވަހު، ނުވަތަ 14 ވަނަ ދުވަހު، ނުވަތަ 21 ވަނަ ދުވަހު ޢަޤީޤާ ކަތިލަންވާނެއެވެ. އިސްވެ ބުނެވުނު ދުވަސްތަކުގެ ތެރެއިން ދުވަހަކު ޢަޤީޤާ ކަތިލުމަށް ނުކުޅެދިއްޖެ ނަމަ ދަރިފުޅު ބާލިޣު ވުމުގެކުރިން، އެ ދަރިފުޅުގެ މައްޗަށް ޢަޤީޤާ ކަތިލަން ވާނެއެވެ.” އަލަށް ކުއްޖަކު ދުނިޔެއަށް އުފަންވުމާއިއެކު ޢަޤީޤާ ކަތިލައި އެ ކުއްޖާއަށް ނަންކިއުމަކީ އިސްލާމްދީނުގައި އެކަންކުރުމަށް އަންގަވާފައިވާގޮތެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާގޮތުގައި އަލަށް އުފަންވާ އަންހެން ކުއްޖެއްގެ ޢަޤީޤާގެ ގޮތުގައި އެއް ބަކަރި، ފިރިހެން ކުއްޖެއްގެ ޢަޤީޤާގެ ގޮތުގައި ދެ ބަކަރި ކަތިލުން އޮވެއެވެ.

ޢަޤީޤާ ކަތިލެވެނީ މާތްﷲ ކިބައިން އެ ކުޑަދަރިފުޅަށް ބަރަކާތްލެއްވުންއެދި ޙަމްދުކުރުމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ދައުރު

މައިން ބަފައިންނާއި ބެލެނިވެރިންގެ ތެރެއިން، މާތްވެގެންވާ މައްކާގެ ބިމުގައި ޢަޤީޤާ ކަތިލަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުނުން ޢަޤީޤާ ކަތިލުމުގެ އިންތިޒާމު ހަމަޖެއްސިދާނެއެވެ.

ޢަޤީޤާ ކަތިލުމުގައި ޢަމަލު ކުރެވޭނެ ގޮތް

ޢަޤީޤާ ކަތިލުމަށް ބޭނުންވާ ފައިސާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަށް ލިބުމުން، ސައޫދީ ޢަރަބިއްޔާގައި ޢަޤީޤާ ކަތިލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކޯޕަރޭޝަންއިން ކޮށްދޭނެއެވެ. ޢަޤީޤާ ކަތިލުމަށްފަހު، ކަތިލެވުނު ނަޢަމްސޫފި ސާފްކޮށް، ޕެކެޓުތަކުގައި ބަންދުކުރުމަށްފަހު، ސައޫދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާއިން ފަޤީރުންނަށް ޞަދަގާތް ކުރާނެއެވެ. ޢަޤީޤާ ކަތިލައި ނިމުމުން، ޢަޤީޤާ ކަތިލިކަމުގެ ހަނދާނީ ސެޓްފިކެޓެއް، ޢަޤީޤާ ކަތިލުމަށް ރަޖިސްޓަރީވެ ފައިސާ ދެއްކެވި ފަރާތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއިން ދޭނެއެވެ.

ޢަޤީޤާ ކަތިލުމަށް އެދި ހުށަހެޅުން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޢަޤީޤާ ކަތިލުމަށްޓަކައި ތިރީގައިމިވާތަކެތި ހުށަހަޅަން ވާނެއެވެ.

  1. ފައިސާ ދައްކަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ޢަޤީޤާ ކަތިލެވޭ ކުއްޖާ/ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ
  3. ފުރިހަމަކޮށްފައިވާ އަޤީޤާ ކަތިލުމަށް އެދޭ ފޯމާއި ފޯމުގައި ބަޔާންކުރެވިފައިވާ ތަކެތި

ޢަޤީޤާ ކަތިލުމަށް ދައަކަވަންޖެހޭ ފައިސާގެ ޢަދަދު ސައޫދީ ޢަރަބިއްޔާގެ މައްކާގެ ބާޒާރުގެ އަގުތަކާއި އެއްގޮތަށް މުރާޖާ ކުރެވޭނެއެވެ. ޢަޤީޤާގެ އިތުރުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ އެހެން ކަތިލުންތައްވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހަމަޖެއްސިދާނެއެވެ.