މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އުފެދުނު ގޮތާއި މަޤްޞަދު

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަކީ 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނީގެ ބޭނުމަކީ ޙައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު މި އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުމެވެ.

އަދި ދުރާލާ ރާވައިގެން ފައިސާ ފަހަށް ރައްކާކޮށްގެން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދީ، އެ ފައިސާއިން ޙަލާލު އިންވެސްޓުމަންޓުތަކެއްކޮށް،

އެ އިންވެސްޓުމަންޓުތަކުން ލިބޭ ފައިދާ އެ ފައިސާ ދިން ފަރާތްތަކުގެ މެދުގައި ބަހާލައިގެން، ޙައްޖަށް ދިއުމުމަށް ބޭނުންވާ ފައިސާ ކުރުމުއްދަތެއްގައި ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަވަހަށް ޙައްޖަށް ދެވޭނެ ގޮތް ހެދުމެވެ.
ޙައްޖުގެ އަޅުކަމުގައި ހޭދަވާ ދުވަސްވަރު ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި އަދި ޙައްޖަށް ދިއުމުގެ ކުރިން ޙައްޖުގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމަށް ދޭންޖެހޭ ޓްރެއިނިންގް ޕްރޮގްރާމުތައް ފޯރުކޮށްދީ، ޖިސްމާނީ، ނަފްސާނީ އަދި ފިކުރީ ގޮތުން ޙައްޖުގެ އަޅުކަމަށް އެކަމަށް ބޭނުންވާ ފަރާތައް ތައްޔާރުކޮށްދިނުމަކީ ވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކެވެ.

މީގެ އިތުރުން، ޢުމްރާގެ ދަތުރުތައް ރާވައި، ދިވެހި ރައްޔިތުންގެ ތެރެއިން ޢުމްރާގެ އަޅުކަން ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދީ، އެ ޚިދުމަތް ކުޑަ އަގެއްގައި، ހިތްހަމަޖެހޭ ފަދަ ގޮތަކަށް ފޯރުކޮށްދިނުމަކީ ވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އަމާޒެކެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަކީ ދިވެހި ރައްޔިތުންގެ ޙައްޤުގައި، ދަރުމަ އަށް އެދި މަސައްކަތްކުރާ ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މިޝަން

ދިވެހި ރައްޔިތުންގެ ތެރެއިން ޙައްޖަށް ނުވަތަ ޢުމުރާއަށް ދިއުމަށް ގަސްދުކުރާ ފަރާތްތަކުގެ ފައިސާ އަމާނާތްތެރިކަމާއެކު ރައްކާތެރިކޮށްދިނުން.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ވިޝަން

  • ދިވެހި ރައްޔިތުންނަށް އަގުހެޔޮކޮށް ޙައްޖަށް އަދި ޢުމްރާއަށް ދެވޭނެ މަގުފަހިކޮށްދިނުން.
  • ދިވެހި ރައްޔިތުންނަށް ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުން.
  • ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމުކަމުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ އަޅުކަން ދުރާލާ ރާވާއިގެން އަދާކުރުމުގެ ރޫޙު އަށަގެންނެވުން.