މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަތުން އެމްއައިބީ މެދުވެރިކޮށް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން 05 ޖޫން 2016 ވީ އާދިއްތަ ދުވަހު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ކޯޕަރޭޝަންގައި ރެޖިސްޓްރީވެ ފައިސާ ދެއްކުމުގެ ޚިދުމަތް ތަޢާރަފްކުރެވިފައެވެ. ސެންޓަރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަލްފާޟިލް އަބްދުﷲ ޖިހާދެވެ.

ޙައްޖު ދަތުރަށް ރަޖިސްޓްރީވުމުގެ އިތުރުން ޢުމްރާ ދަތުރުތަކަށް ފައިސާ ދެއްކުމާއި ޢަޤީޤާގެ ޚިދުމަތަށްވެސް އެމްއައިބީ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.
މި ޚިދުމަތް ތަޢާރަފްކުރެވިގެން ދިޔުމުން، އަތޮޅުތެރޭ ދިރިއުޅުއްވާ ފަރާތްތަކަށް އަތޮޅުތެރޭ ޤާއިމުކުރެވިފައިވާ އެމްއައިބީގެ ބްރާންޗްތަކުން މި ޚިދުމަތް ލިބިގެންދާނެއެވެ.

އަދި ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ކައިރި މުސްތަޤްބަލެއްގައި އިންޓަރނެޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މި ރަސްމިއްޔާތުގައި ވަނީ އިޢުލާން ކުރައްވާފައެވެ.