ޙައްޖު ކޯޕަރޭޝަންގެ ޓީމެއް ހއ އޮތޮޅުގައި ޙަރަކާތްތެރިވަނީ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޓީމެއް ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއްގައި މިއަދު ފުރައިފިއެވެ.
މި ދަތުރުގެ މައިގަޑު ބޭނުމަކީ ޙައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކުގެ މަޢުލޫމާތު އަތޮޅުގެ ރައްޔިތުންނާއި ހިއްސާކުރުމެވެ. ހަމައެއާއި އެކު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖާއި ޢުމްރާއަށް ދިޔުމަށް އެދޭ ފަރާތްތައް ކޯޕަރޭޝަންގައި ރަޖިސްޓްރީކުރުމާއި ފައިސާ ބަލައިގަތުންވެސް މިދަތުރުގައި އޮންނާނެއެވެ. ހއ އަތޮޅުން ޓީމް ޒިޔާރަތްކުރާ ރަށްތަކަކީ ދިއްދޫ، ހޯރަފުށި އަދި އިހަވަންދޫއެވެ.
މީގެ އިތުރުން ޖޭއޭ މަނަފަރު ރިސޯޓުގެ މެނޭޖްމެންޓްގެ އެދިލެއްވުމަކަށް އެރަށުގައި ވަޒީފާއަދާ ކުރާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ހއ. އޮތޮޅުގައި ކޯޕަރޭޝަންގެ ޓީމް ހޭދަކުރާނީ މިމަހުގެ 15- 21 ގެ ނިޔަލަށެވެ.
އަތޮޅުތަކަށް ކުރާ ސިލްސިލާ ދަތުރުތަކުގެ ދެވަނަ މަންޒިލެއްގެ ގޮތުން ކުރިޔަށް އޮތް މާރިޗު މަހު އައްޑޫ އާއި ފުވައްމުލަކަށް ކޯޕަރޭޝަންގެ ޓީމްތައް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.