މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޚިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް އިޞްލާޙްތަކެއް ގެނެވިއްޖެ

ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް ގެނެވުނު އިޞްލާޙުގެ ދަށުން ކޮންމެ އަހަރަކުވެސް މި ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން %5 ޖާގަ ބޮޑެތި ބަލިތަށް ތަހައްމަލްކުރާ ފަރާތްތަކަށް ޚާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. މި އުޞޫލުގެ ބޭނުމަށް ބޮޑެތި ބަލިތަކުގެ ގޮތުގައި ބެލެވޭނީ ފުރާނަ އަށް ނުރައްކާވާފަދަ ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތަކެވެ. މިފަދަ ފަރާތްތަކުން ލިއުމާއިއެކު ، މި ކޯޕަރޭޝަނުން ކޮންމެ ހައްޖު މޫސުމަކާއި ދިމާކޮށް މި %5 ކޯޓާއަށް ހުށަހެޅުމަށް އާންމުކޮށް އިއުލާނުކޮށް ހުޅުވާލާނެއެވެ.

ބޮޑެތި ބަލިތަކުގައި އުޅުއްވާ ބޭފުޅުންނަށް ޙާއްޞަކޮށްފައިވާ ކޯޓާގެ ފުރުޞަތު ހުޅުވާލުމުން އެފަރާތަކީ މިފަދަ ބައްޔެއް ތަހައްމަލްކުރާ ފަރާތެއްކަން ބަޔާންކޮށްފައިވާ ޑޮކްޓަރުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުޅުވާލުމުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޙައްޖު ޖާގަ ލިސްޓަށް އަރާ ތަރުތީބުން މިފަރާތްތަކަށް ޖާގަ ދެވޭނެއެވެ. ޖާގަ ދިނުމުގައި އެ ފަރާތެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ގިނަވެގެން 2 އެހީތެރިއަކަށް ޖާގަދިނުމުގެ އިޙްތިޔާރު ކޯޕަރޭޝަން އަށް ލިބިގެންވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް މިހާރު މި ކޯޕަރޭޝަންގައި ރަޖިސްޓްރީވެ މެންބަރުންނަށްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި އިޞްލާޙުގެ މަޤްސަދަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް މި ކޯޕަރޭޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި އިޞްލާޙުގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ޝަރުތުތަށް ހަމަވާ ކުންފުނިތަކަށެވެ.

(ހ) ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުނިތައް.

(ށ) ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެތެރެއިން ރަޖިސްޓްރީކުރިފަހުން 1 އަހަރު ހަމަވެފައިވާ، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނޫން ކުންފުނިތައް.

ވީމާ، ކުންފުނިތަކުން މި ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ހައްޖު އަގުގެ %75 ދެއްކުމުން ޙައްޖު ޖާގައިގެ ލިސްޓަށް އެރުވޭނެއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލަށް އެއްވެސް އުނިއިތުރެއް ގެންނަން ޖެހިއްޖެނަމަ، އެ ގެނެވުނު އުނިއިތުރެއް ޢާއްމުކޮށް އިޢުލާނު ކުރެވޭނެއެވެ. އަދި މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ. ތިރީގައިވާ ލިންކް އިން ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތް ހޯދުމާއި ބެހޭ އުޞޫލު ބަލައިލެވޭނެއެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ‬ހޯދުމާ ‬ބެހޭ ‬އުޞޫލު‬