ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދިޔުމަށް ޢަމަލުކުރަމުންދާ އުސޫލާއި، މިއަހަރު ޙައްޖަށް ގެންދިޔުމަށް މި ކޯޕަރޭޝަނަށް ލިބިފައިވާ ފުރަތަމަ ކޯޓާގެ ޖާގަ ދޫކޮށްފައިވާ ގޮތުގެ ތަފްޞީލް

މި ކޯޕަރޭޝަނުން ޙައްޖަށް ދިއުމަށް ޖާގަ ދިނުމުގައި އަމަލު ކުރަމުން ގެންދަނީ މި ކޯޕަރޭޝަނުގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާއިބެހޭ އުސޫލް” އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުޞޫލް އަޅުގަނޑުމެންގެ ރަސްމީ ވެބްސައިޓް http://mhcl.mv “ޚިދުމަތްތައް” މި ޓެބްގެ ދަށުން ޢާންމުކޮށް ކިޔާލެވޭނެހެން ޝާއިއުކުރެވިފައި ހުންނާނެއެވެ. މިގޮތުން ޙައްޖަށް ދިއުމަށް ޖާގަ ދެވޭނީ މި ކޯޕަރޭޝަންގައި ރަޖިސްޓްރީވެ، ޙައްޖުގެ ޖުމްލަ އަގުގެ %75 ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބުންނެވެ.

މިއަހަރު ދިވެހި ރާއްޖެއަށް ސައުދީ ސަރުކާރުން ދެއްވާފައިވާ ފުރަތަމަ ކޯޓާގެ 1000 ޖާގައިން މި ކޯޕަރޭޝަނަށް 550 ޖާގަ ވަނީ އިސްލާމިކް މިނިސްޓްރީން ދެއްވާފައެވެ. އޭގެތެރެއިން 80 ޖާގަވަނީ އިސްލާމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ “ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު” ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވްކުރައްވާފައެވެ. އެހެންކަމުން މި ކޯޕަރޭޝަންގެ ބޭނުމަށް ލިބިފައިވަނީ މީގެތެރެއިން 470 ޖާގައެވެ. މިދެންނެވި 470 ޖާގައިން ކޯޕަރޭޝަނުން ޙައްޖުގެ ކަންކަމުގައި ބޭނުންވާ އެކިއެކި އެހީތެރީންނާއި ފަންނީ މަސައްކަތްތެރީންނަން 31 ޖާގަ ނެގުމަށްފަހު، މިފަހަރު ޙައްޖަށް ގެންދިޔުމަށްޓަކައި 439 ޖާގަ ޙައްޖާޖީންނަށް ދޫކޮށްފައިވާނޭ ވާހަކަ ހުރިހާ ބޭފުޅުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އެގޮތުން މިހާތަނަށް މި ކޯޕަރޭޝަނުން ވާނީ 514 ބޭފުޅުންނަށް ޙައްޖައް ވަޑައިގަތުމަށް ޖާގަ ލިބުނުކަމުގެ ދަޢުވަތު ފޮނުވާފައެވެ. މީގެތެރެއިން އެކިއެކި ސަބަބުތަކައްޓަކައި 75 ބޭފުޅުންވަނީ މިއަހަރު ހައްޖަށް ވަޑައިގެނެވެން ނެތް ވާހަކަ މިކޯޕަރޭޝަނަށް އަންގާފައެވެ. ހަމައެހެންމެ މިއަދާ ހަމައަށް 439 ބޭފުޅުންވަނީ ދަޢުވަތު ޤަބޫލްކުރައްވާފައެވެ.

ޙައްޖަށް ދިޔުމަށް މިހާތަނަށް ދަޢުވަތު ދެވިފައިވާ 514 ބޭފުޅުންގެ އައި.ޑީ. ކާޑު ނަންބަރު ހިމެނޭ ލިސްޓް މި ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓްގެ http://mhcl.mv “ޙައްޖު 2019” މި ޓެބްގެ ދަށުން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް ބެލޭނެހެން ޢާންމުކުރެވިފައިވާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވެމެވެ.