ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޕެންޝަން އޮފީހާއި ދެމެދު 18 ޖޫން 2019 ވީ އަންގާރަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދެވެ. ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކެވެ.
މި އެއްބަސްވުމުގެ ދަށުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ފަރުޟު ޙައްޖުވުމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފޯމް ހުށަހަޅާނީ މި ކޯޕަރޭޝަނަށެވެ. މި އެއްބަސްވުމުގެ ދަށުން ޕެންޝަން އޮފީހުން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް ފަރުޟު ޙައްޖު އަދާމުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ޙައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން މިކޯޕަރޭޝަނުން ހަމަޖައްސައިދޭނެއެވެެ. މިގޮތުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ މި ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުންނެވެ.
މި ގޮތުން ޙައްޖަށް ދިއުމަށް މި ކޯޕަރޭޝަނަށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށް، ޙައްޖުގެ އަގުގެ %50 ފައިސާ މި ކޯޕަރޭޝަނަށް ދެއްކެވުމުން، އެފަރާތަކަށް ޙައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދިނުމުގެ އިންތިޒާމް މިކޯޕަރޭޝަނުން ހަމަޖައްސައިދޭނެއެވެ.
އަދި ދަންނަވަމެވެ. ޙައްޖު ކޯޕަރޭޝަނަށް ކުރީބައިގައި ފައިސާ ދައްކާފައިވާފަރާތްތަކުގެ ތެރެއިން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ހައްޖުގެ އަގުގެ ބައެއް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްރަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މިފައިސާ ޕެންޝަން އޮފީހުން މި ކޯޕަރޭޝަނަށް ލިބުމުން އެ ފަރާތަކުން ބޭނުން ވެއްޖެނަމަ ޕެންޝަން އޮފީހުން ލިބޭ ފައިސާ ރީފަންޑް ކޮށްދިނުމުގެ އިންތިޒާމް މިކޯޕަރޭޝަނުން ހަމަޖައްސައިދޭނެއެވެ. ރިފަންޑް ކުރުމަށްް ބޭނުންނުވާނަމަ އެފަރާތުގެ ނަމުގައި މިކޯޕަރޭޝަންގައިވާ އެކައުންޓަށް އެފައިސާ ޖަމާކުރެވޭނެއެވެ.
މި ހިދުމަތް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު، 26 ޖޫން 2019 އިން ފެށިގެން މި ކޯޕަރޭޝަނުން ފޯމްތައް ބަލައިގަންނަން ފަށާނެ ވާހަކަ ދެންނެވީމެވެ.
17 ޝައްވާލް 1440
20 ޖޫން 2019