ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިމަހު ޢުމްރާއަށްދާ ފަރާތްތަކުން މިއަދު ފުރައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1436 ވަނަ އަހަރުގެ ޞަފަރުމަހު ކުރުޢުމްރާއަށް ދާ ފަރާތްތަކުން މިއަދު ފުރައިފިއެވެ.

މިފަހަރުގެ ޢުމްރާ ދަތުރުގައި އެކޯޕަރޭޝަންގެ ހަވާލުގައި 27 ފަރާތަކުން ޢުމްރާއަށް ދާގޮތަށްވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި މައްކާގައި 11 ދުވަސް އަދި މަދީނާގައި 3 ދުވަހު ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންއިން މައުލޫމާތު ދެއެވެ. އަދި މިދަތުރުގައި މައްކާއާއި މަދީނާގެ މުހިއްމު ތަންތަން ބަލާލުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބޭނެކަމަށާއި ޢުމްރާވެރިން ތިބޭ ހޮޓަލުން 5 މިނެޓުން ހިނގާފާއި ހަރަމްއަށް ދެވޭނެކަމަށް ހައްޖު ކޯޕަރޭޝަންއިން ފާހަގަކުރެއެވެ.

މިފަހަރުގެވެސް ޢުމްރާ ދަތުރަށް ފުރުމުގެ ކުރިން، ދަތުރުގެ ބައިވެރިންނަށް ހައްޖު ކޯޕަރޭޝަންއިންވަނީ އުމްރާ ކުރާނޭގޮތުގެ ތަމްރީން ދީފައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއަކީ 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ.