ފުލުހުންގެ މުއައްސަސާއިން ހަތް މީހަކު ޙައްޖަށް ފޮނުވުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފި

ޙައްޖަށްދާ މީހުންނަށް އެހީތެރިވުމަށް މިއަހަރު ފުލުހުންގެ މުއައްސަސާއިން ހަތް މީހަކު ޙައްޖަށް ފޮނުވުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެގޮތުން ޙައްޖު ކޯޕަރޭޝުން ޙައްޖަށްގެންދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކަނޑައަޅާ ވަކި ޢަދަދަކަށް ފުލުހުން ގެންދިއުމާ ބެހޭގޮތުން ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޝަހީދު ހުސައި އާދަމް ބިލްޑިންގގައި އޮތް ބައްދަލުވުމެއްގައި މިއެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ.

މިއެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ޢަދަދަކަށް ޙައްޖުގެ ކަންތައްތަކުގައި އެހީތެރިވެދިނުމަށް ފުލުހުންގެ ތެރެއިން މީހުން ފޮނުވައިދޭން ޖެހެއެވެ. މިގޮތުން ފޮނުވޭ މީހުންގެ ދަތުރުފަތުރާއި ތިބުމުގެ ޚަރަދުފަދަ ކަންކަން ހަމަޖައްސައިދޭނީ ޙައްޖު ކޯޕަރޭޝަނުންނެވެ.

މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިތުރު ކަންކަމަށްބަލާއިރު ޙައްޖުގެ ކަންތައްތަކުގައި އެހީތެރިވެދިނުމަށް ކޮމާންޑް އޮފިސަރަކު ހަމަޖައްސައި ދިނުމާއި ޙައްޖުގެ އެހީތެރިންގެ ގޮތުގައި ފުލުހުންގެ މުއައްސަސާއިން ކަޑައަޅާބައެއްގެ ޗުއްޓިގެ ކަންކަން ފުލުހުންގެ މުއައްސަސާއިން ހަމަޖެއްސުން ހިމެނެއެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން މިއަހަރު ފުލުހުންގެ މުއައްސަސާއިން 7 މީހަކު ޙައްޖުގެ ކަންތަކުގައި އެހީތެރިވުމަށް ފޮނުވުމުގެ ފުރުޞަތު ފުލުހުންގެ މުއައްސަސާއަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ދެއްވާފައެވެ.