ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައި.ޖީ.އެމް.އެޗް އާ އެކު އެމް.އެޗް.ސީ.އެލް އިން އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.

24 މެއި 2017 ގައި އައި.ޖީ.އެމް.އެޗް ގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް.އެޗް.ސީ.އެލްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސެވެ. އަދި އައި.ޖީ.އެމް.އެޗްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސް ޑރ. ޢަލީ ނަޒީމެވެ.

އެ އެއްބަސްވުމުގެ ދަށުން އެމް.އެޗް.ސީ.އެލްގެ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ޞިއްޙީ ޚިދުމަތްތައް އިންތިޒާމްކުރުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފުރުޞަތު ދިނުމާއި، ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް ހެދުމުގެ ކަންކަން އައި.ޖީ.އެމް.އެޗް މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި އެމް.އެޗް.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އެގޮތުން މި އެމްއޯޔޫގެ ސަބަބުން ސްޕެޝަލިސްޓް ޑޮކްޓަރަކާއެކު މެޑިކަލް ޓީމް އެކުލަވާލެވިގެންދާނެ ކަމަށާއި މެޑިކަލް އޮފިސަރ ނުވަތަ އެޔަށްވުރެ މަތީ ފެންވަރުގެ ޑޮކްޓަރުން މިދަތުރު ތަކުގައި ބައިވެރިވުމުގެ މަގުފަހި ވެގެންދާނެކަމަށެވެ. އަދި މެޑިކަލް ޗެކަޕްތައް ހެދުމާއި ދުރާލާ ކުރަންޖެހޭ އެންމެހާ ކަންކަން ވެސް އައި.ޖީ.އެމް.އެޗް އިން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. ޢަލީ ނަޒީމް ވިދާޅުވީ، މިފަދަ މުހިއްމު ކަމެއްގައި ބައިވެރިވުމަށް ފުރުޞަތު ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމާއި މި އެމްއޯޔޫގެ ސަބަބުން މެޑިކަލް ޗެކަޕް ހެދުމުގެ ކަންކަން ދުރާލާ ރޭވިގެން ކުރިއަށް ގެންދެވޭނެ ކަމަށާ އަދި މި ދަތުރުތަކުގައި ބައިވެރިވަޑައިގަންނަވާ ބޭފުޅުންގެ ޞިއްޙީ ހާލަތު ކުރީބައިގައި ދެނެގަނެވި ޞިއްޙީ ޚިދުމަތުގެ ކަންކަން ރޭވުމަށްޓަކައި ފަސޭހަވެގެންދާނެ ކަމަށް ފާހަގަ ކުރެއްވިއެވެ.